ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ބ. ކުޑަރިކިލަށް ވަޑައިގެންފި އެވެ. މިއީ ރައީސް ޑރ މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ދެވަނަ ރަށެވެ.
ކުޑަރިކިލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ އެކި އުމުރުފުރާގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކުޑަރިކިލުގައި ދެ މުހިންމު މަޝްރޫޢެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަލަށް އިމާރާތް ކުރެވޭ ސިއްޙީ މަރުކަޒުގެ ބިންގާ އެޅުމާއި، އަލަށް ގާއިމު ކުރެވިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުން ހިމެނެއެވެ. މީގެއިތުރުން ރައީސް ވަނީ ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.
މި މަހުގެ 11 އިން 14 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސް ބ. އަތޮޅުގެ 13 ރަށަކަށް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުންދާ މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރަށްރަށުގެ ޙާލަތު ބެއްލެވުމާއި، ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

