އްޖޭގައި ފިކުރީ މުދާ ރައްކާތެރިކޮށްދޭނެ އޮފީހެއް ގާއިމްކުރުމަށް “މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު” މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު ފާސްކުރުމަށް 68 މެންބަރުން ވޯޓު ދެއްވާފައިވާއިރު، އެއްވެސް މެންބަރަކު ވޯޓު ދެއްވާފައިވަނީ ބިލާ ދެކޮޅަކަށް ނޫނެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހު މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒާހިރެވެ. ބިލުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދިނުމެވެ.
މި ބިލުގެ ދަށުން ރައްކާތެރިކޮށްދޭ ފިކުރީ މުދަލުގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިންއާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ. އަދި މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީކުރުމާއި، އެފަދަ މުދަލާބެހޭ ދަފުތަރެއް ބެލެހެއްޓުން ހިމެނެއެވެ.
ބިލުގައިވާ ގޮތުން، މި އޮފީހުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ އިންޓެލެކްޗުއަލް ޕްރޮޕަޓީ ޖަމާއަތްތަކާއެކު ގުޅުން ބަދަހިކޮށް، އެފަރާތްތަކުގެ ފަންނީ އެހީތެރިކަން ހޯދަންޖެހޭނެއެވެ. އަދި ފިކުރީ މުދަލާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވުމާއި، އެ މުއާހަދާތަކުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރިއަށް ގެންދަންޖެހޭނެއެވެ.
މި އޮފީސް ހިންގުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. އަދި އޮފީހުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނާނީ ވަޒީރު އައްޔަންކުރާ ރަޖިސްޓްރާއެކެވެ. މި އޮފީހުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ އިކޮނޮމިކް މިނިސްޓަރެވެ.

