ބ. ކުޑަރިކިލުގައި ފެނާއި ނަރުދަމާގެ މަޝްރޫޢު އަންނަ މަހު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިޢުލާން ކުރައްވައިފި އެވެ. ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކުޑަރިކިލުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ރޭވިފައިވެއެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫޢު އާރްޑީސީއާ ހަވާލުކުރެވިފައިވާ ކަމަށާއި، ތަޢުލީމީ ނިޒާމު ވަރުގަދަކުރުމަށް ސްކޫލް އިމާރާތުގެ މަސައްކަތްވެސް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މިހުރިހާ ކަމެއް ވަރަށް ރަނގަޅަށް ވަރަށް ގާތުން ބެލިގެން ކުރިއަށްދާނެ. އަޅުގަނޑު ބޭނުންވީ މި ދަތުރުން ތިބޭފުޅުންނަށް ޔަޤީންކޮށްދޭން މި ކަންކަން ފުރިހަމަ ކުރާނެ ކަމަށް،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ފުޓްބޯޅަ ދަނޑުގެ މަޝްރޫޢު މި މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށާއި، ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސްކިތް އެޅުމަށް ބިން ހަމަޖެހުމުން އެ މަޝްރޫޢުވެސް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ދިމާވި އެކި ދަތިތަކުން އަރައިގަނެވި، ރަށްރަށުގައި ކުރަންޖެހޭ ކަންކަން ކުރުމުގެ މަގު މިހާރު ފަހިވެފައިވާ ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަކަމާއެކު އަދާ ކޮށްދެއްވާނެ ކަމަށެވެ.

