ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބ. ކެންދޫއަށް ވަޑައިގަތުމާއެކު، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި ޢުމުރުފުރާގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ވަޑައިގެންނެވި ތިންވަނަ ރަށެވެ.
ކެންދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ކެންދޫގެ ތަރައްޤީއަށް ރޭވިފައިވާ މުހިންމު މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެންދޫގައި އަލަށް ޤާއިމުކުރެވުނު ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ހަމަޖެހިފައެވެ. އަދި ރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާ، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 11 ވަނަ ދުވަހުން 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ ބ. އަތޮޅުގެ 13 ރަށަކަށެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރަށްރަށުގެ ޙާލަތު ބެއްލެވުމާއި، ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

