މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ، އެ މަހު ލިބޭނެކަމަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ 12.8 އިންސައްތަ އިތުރުވެފައިވެއެވެ. މީރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖުލައި މަހު އާމްދަނީގެ ގޮތުގައި 3.39 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ 2022 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 15.4 އިންސައްތައިގެ ކުރިއެރުމެކެވެ. މި އިތުރުވުމަށް މައިގަނޑު ގޮތެއްގައި ހިއްސާކޮށްފައިވަނީ ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކުހާއި، ގްރީން ޓެކުހާއި، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ (ޓީޖީއެސްޓީ) އާމްދަނީ އިތުރުވުމެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައިވެއެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ފެށުމުގައި ގްރީން ޓެކުހާއި އެއަރޕޯޓު ޓެކުހާއި ފީތައް މަތިކުރުމާ ގުޅިގެން، މި ދާއިރާތަކުން ލިބޭ އާމްދަނީ ޖުމުލަގޮތެއްގައި އިތުރުވެފައިވެއެވެ.
މީރާއިން ފާހަގަކުރާ ގޮތުގައި، އާމްދަނީ އިތުރުވުމުގެ އަނެއް މުހިންމު ސަބަބަކީ ވިޔަފާރިތަކާއި ކުންފުނިތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައްކާފައިވާ މިންވަރު އަންދާޒާކުރި މިންވަރަށްވުރެ މަތިވުމެވެ. އަދި ޖުލައި މަހުގެ އާމްދަނީގެ 14.9 އިންސައްތައަކީ ކުރިން ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ ތެރެއިން މީރާއިން ހޯދާފައިވާ އަދަދުތަކެވެ.
ޖުލައި މަހު ލިބުނު ޖުމުލަ އާމްދަނީގެ ތަފްސީލަށް ބަލާއިރު، 48.9 އިންސައްތައަކީ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއެވެ. އަދި 31.7 އިންސައްތައަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 38.3 އިންސައްތައަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.

