އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން "މަޢުރިފާ" ގެ ނަމުގައި އިސްލާމީ ފޮތް މަޢުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ. މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޮގަސްޓް މަހުގެ 26 އިން 28 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަޢުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
‘ފޮތްތެރިކަން – ބުއްދީގެ ކާނާ، މި މަޢުޟޫއުއަށް ބާއްވާ މި މަޢުރަޒުގެ މައިގަނޑު މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމެވެ. މީގެ އިތުރުން، ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތުވެސް މި މަޢުރަޒުން ލިބިގެންދާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
މި މަޢުރަޒުން 15 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު، ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބައިވެރިވާން އެދޭ ތަރުތީބުން އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށެވެ.

