2027 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރާ އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި އިސްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ، މިހާރުގެ ޤާނޫނުގައި ކަނޑައަޅާފައިވާ 5 އަހަރުގެ މުއްދަތު އިތުރުކޮށް، 2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް މުއްދަތު ދިނުމެވެ.
މި އިސްލާހުގެ ދަށުން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓަރީތަކުގައި ޢާންމު ބޭނުންތަކަށް ދޫކުރާ ފެނުގެ ފެންވަރާއި ރައްކާތެރިކަން ބަލައި ތަޙުލީލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ.
އިސްލާހުގައި ޚިދުމަތްދޭ ފަރާތްތަކުން އަހަރީ ރިޕޯޓު ހުށަހެޅުމުގެ ކަންކަން އިތުރަށް ތަފްސީލުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ކުރިއަށް އޮތް އަހަރުގެ ޕްލޭނާއި ވޭތުވެދިޔަ އަހަރުގެ ޕަރފޯމަންސް ރިޕޯޓު ހިމެނެއެވެ.
މީގެއިތުރުން، ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ބިމުގެ ފެން ފަށަލަ ތަޣައްޔަރުކުރާ ފަރާތްތަކަށް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝައިޢުކުރާ ދުވަހުން ފެށިގެންނެވެ.

