ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ބައެއް ހުރަސްތައް ކުރިމަތިވާ ކަމަށާއި، މަޝްރޫޢު ހިންގަން ބޭނުންވާ ފައިސާ ކައުންސިލްތަކާ ހަވާލުކުރުމުން ބައެއް ކައުންސިލްތަކުން މަސައްކަތް ކުރިއަށް ނުގެންގޮސް މަސައްކަތަށް ލަސްތަކެއް އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކެންދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުމުން މަގު ހެދުމުގެ މަޝްރޫޢުވެސް ފައްޓަވާނެ ކަމަށެވެ. “އެކަން ކުރުމަށްޓަކައި ސޮއިކުރުމަށް ތައްޔާރުވަމުން މިދަނީ. މިހާރު އެކަމުގެ ޓެންޑަރިން ޕްރޮސެސް ކުރިއަށްދޭ، ވަރަށް އަވަހަށް އަޅުގަނޑުމެން އެ މަސައްކަތްވެސް އަމަލީ ގޮތުން ފެށުމަށްޓަކައި ސޮއި ކުރާނަން،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް ބޯހިޔާވަހިކަމުގެ އާ މަޝްރޫޢުތައް ހިންގަން ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމާއި، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ ހިމެނޭހެން ހުރިހާ ވައުދެއް ފުއްދަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ކުޅިވަރުގެ ވަސީލަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު އެއް މަޝްރޫޢުގައި ސޮއިކުރެއްވި ނަމަވެސް، މިނިސްޓްރީއަށް ބޭނުންވާ ބިން ލިބުމުގައި ދިމާވި ދަތިތަކާ ހެދި މަސައްކަތް ނުފެށި ލަސްވެފައިވާ ކަމަށެވެ. އަދި މިފަދަ ހުރަސްތައް ކުރިމަތިނުވާނަމަ މިދިޔަ އަހަރު ތެރޭގައި އެ މަޝްރޫޢު ނިންމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ވަރަށް އެދެން މިދިޔަ ދުވަސްތަކުގައި މި ދިމާވި ކަހަލަ ހުރަސްތައް ދެން ދިމާނުވާނެ ކަމަށް. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ހުރިހާ އެންމެންވެސް އެކައްޗެއް ކިޔަން ޖެހޭނެ. އެގޮތަށް އެއްބާރުލުން ލިބޭނަމަ އަޅުގަނޑު ރައްޔިތުންނަށްވި ވައުދު ފުއްދުމުގައި ވަރަށް ބާރު ސްޕީޑުގައި ކަންކަން ގެންދެވޭނެ،” ރައީސް ވިދާޅުވިއެވެ.

