ބ.ތުޅާދޫގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 570 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ކުރިން ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ތަރައްގީކުރުމަށް 2023 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުން ބާތިލުކުރުމަށްފަހުގައެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކާއި ސިނާއީ ސަރަހައްދަކުންވިޔަސް އެންމެ ގިނަވެގެން ބައިގަޑިއިރު ތެރޭ ދަތުރުކުރެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 570,260,350.80 (ފަސްސަތޭކަ ހަތްދިހަ މިލިއަން ދެލައްކަ ފަސްދޮޅަސްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާއެވެ. މަޝްރޫއުގެ މުއްދަތަކީ 660 ދުވަހެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ.
ތުޅާދޫގައި ގާއިމުކުރާ އެއާޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ ކޯޑް 3C އެއާޕޯޓެކެވެ. މި މަޝްރޫއުގެ ދަށުން 55.4 ހެކްޓަރުގެ (2،231،740.00 އަކަ މީޓަރުގެ) ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖަހާ ނިންމަން ޖެހެއެވެ.

