ބ. ކެންދޫގައި އަލަށް ގާއިމުކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް-ސަރވިސް ބޭންކިންގ އޭޓީއެމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވަނީ އޭޓީއެމް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ފައިސާ ނަންގަވައި، އޭޓީއެމްގެ ޚިދުމަތް ހުޅުއްވައިދެއްވާފައެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެންމެހައި ރަށްތަކަށް ބޭންކިންގ ޚިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫޢަކީ ބީއެމްއެލްއާއި ސަރުކާރު ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފެށުން ހިދުމަތެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބީއެމްއެލް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ގިނަ ރަށްތަކެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓައި، މުޅި ރާއްޖޭގައި ބީއެމްއެލްގެ 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމްކުރުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ، މިއަހަރަކީ މިގޮތަށް ހުރި ގިނަ ކަންތައްތަކަށް އަމަލީ ސިފަ ލިބިގެންދާނެ އަހަރެއް ކަމަށާއި، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

