ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. އަތޮޅުގައި އެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ޚިދުމަތްދިނުމަށް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި އެ އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށުން އޮތީ އެ އަތޮޅު އޭދަފުށީގައި މިއަދު ހަވީރު އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އޭދަފުއްޓަށް ވަޑައިގަތުމާއެކު އެ ރަށުގެ ވަރަށް ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމަށް ޖަމާވެފަ އެވެ. އެއްވެފައިވާ އާންމުންނާއި ސަލާމް ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާފަ އެވެ.
އާރްޓީއެލް ހިދުމަތް ބ. އަތޮޅަށް ތައާރަފުކުރުމާއެކު، ޚިދުމަތަށް ރައްޔިތުން ހޭނުމުގެ ގޮތުން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ފެރީގައި ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ދިނެވެ. އަދި މި މަހުގެ ހަތަރަކުން ފެށިގެން އާރްޓީއެލް މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓުން ޓިކެޓު ނެގޭނެ އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރްޓީއެލް ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. ބ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު މިހާރު 11 އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ލިބޭނެ އެވެ. މި ޚިދުމަތަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އިސްކަންދޭ އެއް ކަމެވެ.

