ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ބ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު އޭދަފުށްޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އެތައް ސަތޭކަ ބަޔަކު ވަނީ އޭދަފުށީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވި ލޯންޗު ބަނދަރަށް ވަނުމާއެކު ފުރަތަމަ މަރުހަބާ ކިޔާފައިވަނީ، ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައިވާ ދޯންޏެއްގައި ތިބެގެން ކުރުފަލީގެ ހަރަކާތަކުންނެވެ. މި ހަރަކާތް ބަނދަރާއި ހަމައަށް ކުރިއަށް ދިޔައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖަމާވި އެންމެންނާއި ސަލާމް ކުރައްވާފައެވެ.
ބ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ކަމަދޫ އާއި ކުޑަރިކިލު، ކެންދޫ އަދި އޭދަފުއްޓަށް ޒިޔާރަތް ކުރައްވާފައެވެ. އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން، އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ކޮންމެ ރަށެއްގައި ޖަލްސާއެއް ވެސް ބޭއްވެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮހަށް ވެސް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު މާދަމާއާ އަނެއް ދުވަހަށް ދެމިގެންދާނެއެވެ.

