ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ފޭސް 2 ގައި 60 ރުއް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ. މި ހަރަކާތަކީ ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތް ޝަރަފުވެރިކޮށްދެއްވި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު މަރިޔަމް މާރިޔާ ވަނީ ހަރަކާތް ފެއްޓެވުމުގެ ގޮތުން ފުރަތަމަ ރުއް އިންދަވާފައެވެ. މި ހަރަކާތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަރަކާތުގައި ސްކޫލް ދަރިވަރުންނާއި އިސްރަށްވެހިންވެސް ބައިވެރިވެ، ރުއް އިންދުމުގައި އެހީތެރި ވެދީފައި ވެއެވެ. މި ހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ވާހަކަދައްކަވަމުން، ވަޒީރު މަރިޔަމް މާރިޔާ ވަނީ ރުއް އިންދުމުގެ މުހިންމުކަމާއި، ރަށްރަށުގައި ރުއް އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
"ހުރިހާ އަތޮޅަކުންވެސް އަޅުގަނޑުމެންނާ އެކީގައި ބައިވެރިވެގެން ހަމަ ރުއް އިންދަމާ އުޅޭށޭ. ރުކަކީ އަޅުގަނޑުމެންގެ ޤައުމީ އަދި މާދަރީ ރުއް. އަޅުގަނޑުމެން އެބަ އިތުރުވެސް ކުރަންޖެހޭ، އަޅުގަނޑުމެން އޭގެން މަންފާވެސް ހޯދަންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.
މި ހަރަކާތަކީ ސަރުކާރުން ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދެވުނު ހަރަކާތެކެވެ. އެ މަޝްރޫޢުގެ ދަށުން މިހާތަނަށް 600,000 އާ ގާތްކުރާ އަދަދަކަށް ގަސް ވަނީ އިންދާފައެވެ. މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށާއި، ރާއްޖޭގެ ގަސްގަހާގެހީގެ އާބާދީ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

