އޭދަފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 1000 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ. މިކަން ރައީސް އިއުލާނުކުރެއްވީ އޭދަފުށީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
އޭދަފުއްޓަކީ ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ހަތް ރަށުގެ ތެރެއިން އެއް ރަށެވެ. ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މެދު އަދި ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭންގެ ދަށުން މި މަޝްރޫޢު ކުރިއަށްދަނީއެވެ.
“1000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާއިރު ބައިބަޔަށް ނުނީ ބެޗް ބެޗަށް ނޫނީ ފޭސްތަކަށް ބަހާލަންޖެހިދާނެ. އެ 1000 ހައުސިން މަޝްރޫޢޫ އަޅުގަނޑުމެން މިއަހަރު ފަށާނަން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައެވެ. ރައީސް ވިދާޅުވިގޮތުގައި މި މަޝްރޫޢަކީ 100 ޕަސެންޓު ފީސިބަލް ޕްރޮޖެކްޓެކެވެ. އަދި މި ހައުސިންގ ޔުނިޓުތައް އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އޭދަފުށްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށާއި، އިޤްތިޞާދީ ބޭނުންތަކަށް އެރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
މީގެއިތުރުން، ރައީސްގެ މި ދަތުރުފުޅުގައި އޭދަފުށީ ހޮސްޕިޓަލަށް އިތުރުކުރެވޭ އައު ޢިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރެވި، އަދި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައިވެއެވެ. ރައީސް ވިދާޅުވިގޮތުގައި ހޮސްޕިޓަލްގެ އައު އިމާރާތާއެކު އެ ސަރަހައްދަށް އިތުރު ޚިދުމަތްތަކެއް ތަޢާރަފުކުރެވިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އޭދަފުށީގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްގެ އައު އިމާރާތާއެކު އާބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުން ހިމެނެއެވެ.
އިންފްރާސްޓްރަކްޗަރގެ ގޮތުން، މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، ބަނދަރުގެ މައްސަލަތައް 6 މަސްދުވަހުގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ކުޅިވަރުގެ ދާއިރާއިން 1200 މީހުންނަށް ކުޅިވަރު ބެލޭނެ އިންޑޯ މަލްޓި ކޮމްޕްލެކްސްއެއް މިއަހަރު އަޅަން ފަށާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މިއަހަރު ޑޮލަރު އޭޓީއެމްއެއް ޤާއިމްކުރުމާއި، އަންނަ އަހަރު ކޮންވެންޝަން ސެންޓަރެއް އެޅުމަށް ވަނީ ނިންމާފައެވެ. ރައީސް ވަނީ މި ހުރިހާ މަޝްރޫޢުތަކެއްވެސް ވަކި ތަރުތީބަކުން ކުރިއަށްދާކަމަށާއި، އެމަނިކުފާނުގެ ދައުރުގައި މި ހުރިހާ މަޝްރޫޢުއެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

