އެއާޕޯޓް ފަދަ ތަންތަނުގައި އޮޅުވާލުމުގެ ތެރެއިން "ފްރީ ވައިފައި" ނަމުގައި ހޮޓްސްޕޮޓްތައް މެދުވެރިކޮށް ސްކޭމްކުރުމުގެ ހާދިސާތައް ހިނގާކަމަށާއި، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
އެންޓި ސްކޭމް ސެންޓަރުން މިކަން ހާމަކޮށްފައިވަނީ ޕަބްލިކް ވައިފައި ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ސޯޝަލް މިޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ފުލުހުން ބުނީ އެފަދަ ކަންކަމަށް ރައްކާތެރިވުމަށާއި، އެއީ ރަސްމީ ވައިފައި ނެޓްވޯކްގެ ނަންތޯ ކަށަވަރުކޮށް، ޕަބްލިކް ވައިފައިގައި ބޭންކް އެޕްލިކޭޝަނާއި އީމެއިލްއަށް ނުވަނުމަށާއި، ފައިސާ ގުޅުން ހުރި ފަދަ އެއްވެސް ސެންސިޓިވް މުއާމަލާތެއް ނުކުރުމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ވައިފައި ބޭނުންކުރުމަށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެނަމަ ވިސްނުންތެރިވުމަށާއި އިތުބާރުހުރި ވީޕީއެން ބޭނުން ކުރުމަށެވެ.
ފުލުހުން ވަނީ މީގެއިތުރުން ދިވެހީން އެންމެ ގިނައިން ގޮސްއުޅޭ މެލޭޝިއާގެ ރައްޔިތަކަށް ދިމާވި އެފަދަ ހާދިސާއެއް ހިއްސާކޮށްފައެވެ.
ތައިލެންޑުގެ ވެރި ރަށް ބެންކޮކްގެ އެއާޕޯޓެއްގައި މެލޭޝިއާގެ މީހަކު "ފްރީ އެއާޕޯޓު ވައިފައި" ކަމަށް ބުނެފައިވާ ޚިދުމަތެއް ބޭނުންކުރަނިކޮށް އޭނާގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ސިންގަޕޫރުގެ ޝޮޕިން މޯލްތަކުން ވިޔަފާރިކޮށްފައިވާ ކަމުގެ އެލާޓްތަކެއް ލިބުނެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަށް ފުލުހުންގެ އިމަޖެންސީ ނަންބަރު 911 އާއި އެންޓި-ސްކޭމް ހޮޓްލައިން 125އަށް ގުޅައިގެން ރިޕޯޓްކުރެވޭނެއެވެ.

