ބ. އަތޮޅު ތުޅާދޫގައި ޤާއިމްކުރާ ކަލްޗަރަލް ސެންޓަރާއި އެއަރޕޯޓު މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
ކަލްޗަރަލް ސެންޓަރުގެ އެއްބަސްވުމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޝިޔާޒް އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ރިޓަޔަރޑް އަޙުމަދު ސަޢުދީ ވަނީ ސޮއިކުރައްވާފައެވެ. އަދި އެއަރޕޯޓު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް އާއި އެމްޓީސީސީގެ ފަރާތުންނެވެ.
ތުޅާދޫގައި ޤާއިމުކުރެވިގެންދާ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ކޯޑް 3C އަށް ޤާއިމުކުރެވޭ އެއަރޕޯޓެކެވެ. މި މަޝްރޫޢުގެ ދަށުން 55.4 ހެކްޓަރުގެ ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2023 ވަނަ އަހަރު ކުރީގެ ސަރުކާރުން ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބިން ހިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އެ މަސައްކަތް ނުފެށި އޮތުމާ ގުޅިގެން މިހާރުގެ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށް، އަލުން މަޝްރޫޢު ފެށުމަށް މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއަރޕޯޓުގައި ރަންވޭގެ އިތުރުން ޓަރމިނަލް އަދި އެހެނިހެން މުހިންމު ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. މި ދެ މަޝްރޫޢަކީވެސް ތުޅާދޫގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު ދެ މަޝްރޫޢު ކަމުގައި ފާހަގަކުރެވެއެވެ.

