މުޅި ހުވަދު އަތޮޅަށް މަޝްހޫރު ނިލަންދޫ ރާވެރިޔާ ވޮލީ މުބާރާތް 2025 ގައި ބައިވެރިވުމަށް އެދި ފުރުސަތު ހުޅުވާލައިފިއެވެ.
މި ފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 01 ނޮވެމްބަރު 2025 ގައެވެ.
ރާވެރިޔާ ވޮލީ މުބާރާތަކީ ޒަމާންވީ ފޯރިގަދަ މުބާރާތެކެވެ. ފުރަތަމަ ގއ ގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މުބާރާތް މި ފަހަރު ވަނީ ދެކުނުގެ 4 އަތޮޅަކަށް ހުޅުވާލާފައެވެ. ގއ، ގދ، ސ، އަދި ފުވައްމުލަކު ސިޓީގެ ޓީމްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މިއީ ދެކުނުގެ ރަށްތަކުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި އަތޮޅާއި ގައުމީ ފެންވަރުގައި ބޭއްވޭ މުބާރާތްތަކަށް ކުޅުންތެރިން ތައްޔާރު ކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއްކަމަށް ނިލަންދޫ ކައުންސިލުން މައުލޫމާތުދެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ކައުންސިލްތަކާއި ރިސޯޓު އަދި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިފައިވާއިރު ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރު އެއްކުޅުންތެރިން ޓީމް ލިސްޓްގައި ޖެހޭނެއެވެ. މި ފަހަރުގެ މުބާރާތުގައި ގައުމީ ޓީމްގައި ހިމެނޭ ކުޅުންތެރިޔަކަށް ވެސް ކުޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ނިމިދިޔަ އަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން/ ފޮޓޯ: ދޮންކޮޅު
ނިލަންދޫ ކައުންސިލްގެ ނައިބު ޒިޔާދު ހުވަދޫއަށް ވިދާޅުވީ މިފަހަރު ބޭއްވޭ މުބާރާތަކީ އެހެން އަހަރުތަކާއި އަޅާބަލާއިރު މާބޮޑަށް ވެސް ފުރިހަމަ މުބާރާތަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މިއީ ޒަމާންވީ ފޯރިގަދަ މުބާރާތެއް ކަމުން، އިންތިޒާމްތަކާއި އެހެނިހެން ހުރިހާ ކަމެއް ފުރިހަމަ ކުރާނޭ ކަމަށެވެ. އިތުރަށް ފޯރި ގަދަ ކުރުމުގެ ގޮތުން ޓީމްގައި ހިމެނޭ ރަށުން ބޭރު ކުޅުންތެރިޔާއަށް ގައުމީ ޓީމްގެ ކުޅުންތެރިޔަކަށްވެސް ކުޅެވޭނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ. އެއީ ކުރީ މުބާރާތްތަކުގައި ނެތް ފުރުސަތެއް ކަމަށާއި މިފަހަރު މުބާރާތުގެ ފައިސާގެ އިނާމް 50،000 ރުފިޔާއަށް ބޮޑު ކޮށްފައިވާ ކަމަށެވެ. މުބާރާތް އިއުލާން ކުރުމާއި ގުޅިގެން ވަރަށް ގިނަ ރަށްރަށުން ބައިވެރިވުމަށް އެދި ގުޅަމުންދާ ކަމަށާއި، ވީވަރަކުން ހުރިހާ ޓީމްތަކަށް ފުރުސަތު ދޭނެ ކަމަށް ނައިބް ރައީސް ޒިޔާދު ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.

ނިމިދިޔަ އަހަރުގެ ފިރިހެން ޑިވިޝަންގެ މުބާރާތުގެ ޗެމްޕިއަންޓީމް/ ފޮޓޯ: ދޮންކޮޅު
ގެމަނަފުށީ އަންހެން ވޮލީ ޓީމް އަކީ ރާވެރިޔާ ވޮލީ މުބާރާތުގެ އެންމެ ކާމިޔާބު އަންހެން ޓީމެވެ. 2022 ގެ ޗެމްޕިއަންކަމާއި، 2023 ގެ ރަނަރަޕްގެ އިތުރުން 2024 ވަނަ އަހަރުގެ ޗެމްޕިއަންޓީމެވެ. މީގެ އިތުރުން މިފަހުން ބޭއްވުނު ގެމަނަފުށީ ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަކީ ގެމަނަފުށީ ވޮލީ ކުލަބެވެ.
ނިމިދިޔަ އަހަރު މުބާރާތުގައި ޖުމްލަ 15 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން ޑިވިޝަންގެ 7 ޓީމާއި ފިރިހެން ޑިވިޝަންގެ 8 އަށްޓީމެވެ.
2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ.
2022 މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ.

2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ. 2023 ވަނަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ. ނިމިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ގެމަނަފުށީ ވޮލީ ކުލަބުން ހޯދިއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޓޮޕް ބްރަދާސްއެވެ.
މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ. މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ.

