ބ. ތުޅާދޫގައި އަލަށް އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެބިނެޓް ވަޒީރުންނާއި އަދި ދައުލަތުގެ އިސް ބޭފުޅުން ބ. އަތޮޅުގެ 13 ރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފުލުހުންގެ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް، އަލީ އިހުސާންއެވެ. މި މަޝްރޫޢުގެ މަސައްކަތް ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ރައީސް ޑރ. މުއިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުން ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށަކަށް ހެދުމުގެ އަމާޒު ހިފާފައެވެ.
މި ސިޔާސަތުގެ ދަށުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި އަދި ޕޮލިސް ޑެސްކުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިއީ ރާއްޖޭގައި ކުށްކުރުން މަދުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ބައެކެވެ.
ސަރުކާރުން ވަނީ މަސްތުވާތަކެއްޗާއި ގޭންގު މާރާމާރީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. ރައީސް މުއިއްޒުގެ ބ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ އެ އަތޮޅު ގޮއިދޫއަށެވެ.

