ބ.ތުޅާދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު މިއަދު ފައްޓަވައި ދެއްވައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫއަށް ކުރެއްވި ޒިޔާރަތުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ތުޅާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
މި މަޝްރޫޢުގެ އަގަކީ 570,260,350.80 (ފަސްސަތޭކަ ހަތްދިހަ މިލިއަން ދެލައްކަ ފަސްދޮޅަސްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް ދީފައިވަނީ 660 ދުވަހެވެ. މި އެއާޕޯޓުގައި 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭނެއެވެ. އަދި މިއީ ކޯޑް 3C އަށް ޤާއިމުކުރެވޭ އެއަރޕޯޓެކެވެ.
މަޝްރޫޢުގެ ދަށުން އެއަރޕޯޓު ޤާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ.
މި އެއާޕޯޓަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކާއި ސިނާއީ ސަރަހައްދަކުންވިޔަސް އެންމެ ގިނަވެގެން ބައިގަޑިއިރު ތެރޭ ދަތުރުކުރެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމުގެ ސަރުކާރުގެ ތަސައްވުރުގެ ތެރެއިން ތަރައްގީކުރާ އެއާޕޯޓެކެވެ. އަދި މިއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެއްވެސް މެއެވެ.

