މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. މިއީ އޭޓީއެމް މަޝްރޫޢުގެ ދަށުން މިޚިދުމަތް ޤާއިމްކުރެވުނު 41 ވަނަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ވަޑައިގެން، އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވައި ޚިދުމަތް ފައްޓަވައިދެއްވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދާ ހަވާލުކުރައްވާފައިވެއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގޮއިދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ވަޢުދެކެވެ. މި ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ. މިހާތަނަށް ހއ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅު އަދި ކ. އަތޮޅު ހިމެނޭ ގޮތަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފެށިފައެވެ.
ބީއެމްއެލްއިން ފާހަގަކުރައްވާފައިވާ ގޮތުގައި، މި އައު އޭޓީއެމްއާއެކު މުޅި ރާއްޖެ ހިމެނޭ ބޭންކުގެ ވިއުގައިގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެއެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން ލުއި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

