ބ. ގޮއިދޫގައި އަލަށް އަޅަން ފަށާ ޕޮލިސް ސްޓޭޝަންގެ ބިންގާ މިއަދު މެންދުރުފަހު އެ ރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އަޅައިފިއެވެ. މިއަދަކީ ގޮއިދޫއަށް ހަގީގީ މާނައިގައި ބޮޑު އަދި އުފާވެރި ދުވަހެކެވެ. ރަށަށް އޭޓީއެމްގެ ހިދުމަތް ލިބުމާއެކު ފުލުހުންގެ މަރުކަޒެއްގެ ބިންގާވެސް އެޅުނީއެވެ. ތަރައްގީގެ ކުލަތަކާއެކު ރައްކާތެރިކަމުގެ ޔަގީންކަންވެސް ލިބުނީއެވެ.
މި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައި ދެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން، ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު އެއް ވައުދެވެ. މި ވައުދާ އެއްގޮތަށް މިހާތަނަށް ރާއްޖޭގެ ގިނަ ރަށްރަށުގައި ވަނީ ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށްފައެވެ.
ގޮއިދޫގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމުން އެ ރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި ރަށުގެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

