މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަގެ ޚިދުމަތްތަކަށް މިރޭ ދަންވަރު ބުރޫއަރާފާނެ ކަމަށް އެ ނިޒާމުން މަޢުލޫމާތު ދީފިއެވެ.
ފަވަރައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ރޭވިގެން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތެއްގެ ސަބަބުން މިރޭ ދަންވަރު 00:00 އިން 02:00 އަށް ފަވަރަގެ ޚިދުމަތްތައް މެދުކެނޑިގެން ހިނގައިދާނެއެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށްވެސް އެދިފައިވެއެވެ.
ފަވަރައަކީ 26 އޮގަސްޓު 2023 ގައި އިފްތިތާޙްކުރި، އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ ނިޒާމެކެވެ. މި ނިޒާމަކީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ހަރުދަނާކޮށް، ބޭންކިންގ ޚިދުމަތްތައް ފަސޭހަކުރުމަށް އެމްއެމްއޭއިން ތަޢާރަފުކުރި އައު ޓެކްނޮލޮޖީއެކެވެ.
މިވަގުތު ފަވަރަގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިންނެވެ.
ފަވަރަގެ މެއިންޓަނަންސް މަސައްކަތް ނިމުމުން، އާންމު ގޮތަށް ޚިދުމަތްތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. އަދި މި މުއްދަތުގައި ކަސްޓަމަރުން އެހެން ޕޭމަންޓް އޮޕްޝަންތައް ބޭނުންކުރުމަށް ފަވަރައިން އިރުޝާދު ދީފައިވެއެވެ.

