ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުޅަދުއަށް މިއަދު ވަޑައިގެންފިއެވެ. މިދަތުރުފުޅަކީ މިމަހުގެ 11 އިން 14 އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅެކެވެ.
ފުޅަދުއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމާއެކު އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ވަޑައިގެންނެވި 8 ވަނަ ރަށެވެ.
ފުޅަދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަރައްޤީކޮށްފައިވާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަޑައިގަންނަވާނެ ކަމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ފެހެންދޫ ވެސް ހިމެނެއެވެ. ފެހެންދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) ގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.
މިދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ މި ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން އެބައިމީހުންގެ ޙާލަތު ބެއްލެވުމާއި ރައްޔިތުންނާ ގުޅުން ބަދަހިކުރުމަށް ކުރައްވަމުންދާ މުހިންމު ދަތުރުފުޅެކެވެ.

