ސިފްކޯއިން ފްލެޓެއް ލިބިފައިވާ ފަރާތަކަށް ހިޔާ މަޝްރޫޢުން ފްލެޓަކާއި ގޯއްޗެއް ލިބިފައިވާ ކަމަށް ބުނެ އަތުލި ފްލެޓް، އެ ފަރާތާ އަނބުރާ ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ދަޢުވާކުރި މ. ހިރިނައިދޫ / އަލީ ވަހީދަށް ސިފްކޯއިން ފްލެޓް ލިބޭނެކަން އެންގީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ވަނީ ޑައުންޕޭމަންޓްގެ ގޮތުގައި 91,200 ރުފިޔާ ދައްކާފައެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 14 ގައި އޭނާއަށް ލިބޭނެ ފްލެޓް ކަނޑައަޅާފައި ވަނިކޮށް، އެހެން ސްކީމަކުން ބޯހިޔާވަހިކަން ލިބިފައިވާ ކަމަށް ބުނެ ސިފްކޯއިން ވަނީ އެ ފްލެޓް އަތުލާފައެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު މައްސަލައިގެ ހުކުމުގައި ފާހަގަކުރެއްވި ގޮތުގައި، ފްލެޓަށް ޝަރުތު ހަމަވޭތޯ ބެލޭނެ އެންމެ ފަހުގެ ތާރީހަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅައި، ފްލެޓްވެރިޔާއަށް އެކަން އަންގާ ތާރީހެވެ. އަދި އަލީ ވަހީދު ޑައުންޕޭމަންޓް ދައްކާފައިވުމާއެކު، 2014 ވަނަ އަހަރުން ފެށިގެން އެއްބަސްވުމެއް ވުޖޫދުވެފައިވާ ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.
ސިފްކޯއިން ކޯޓުގައި ބުނެފައިވަނީ، އަލީ ވަހީދުގެ ނަމުގައި ހިޔާ ފްލެޓަކާއި، އިތުރު ހަތަރު ފަރާތަކާއެކު 2,000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮތުމުން އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށެވެ. އަދި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައިވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާނެ ކަމަށް އޭރުވެސް ކަނޑައަޅާފައިވާނެ ކަމަށެވެ.
މި މައްސަލައިގައި ކޯޓުން ނިންމާފައިވަނީ ސިފްކޯގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ކަނޑައަޅައި، އަލީ ވަހީދާ ފްލެޓް އަނބުރާ ހަވާލުކުރުމަށެވެ.

