ރާއްޖޭގެ ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފެށިއްޖެއެވެ. މި ސިޔާސަތަށް ބޭނުންވާ މައިގަނޑު އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ހަވާލުކޮށްފައެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން ދެ ފަރާތުގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޓީގެ ނައިބު ރައީސް ފާތިމަތު ނަޒާހާ ނަޒީމެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އައިމިނަތު ޝާފިޔާ އާދަމެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރުގެ ޚާއްސަ އެޑްވައިޒަރު އަޙްމަދު ނަރީޝް ފާހަގަކުރެއްވި ގޮތުގައި، “ހުނަރުވެރި ގިނަ ޒުވާނުން އެބަ ތިބި. ޤާބިލު ގިނަ މަސައްކަތްތަކެއްކުރާ ޒުވާނުން އެބަތިބި. އެ މީހުން ތިބީ ސެޓްފިކެޓެއް ނެތުމުން ވަޒީފާ ނުލިބިފައި. އެކަމަކު އެ ކުދިންވެސް ސެޓިފައިކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ.”
ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރު ޙުސައިން ޢަރުބާން ފަވާޒު ވިދާޅުވި ގޮތުގައި، އޮނިގަނޑު އެކުލަވާލުމުގައި ކުރީގެ ދިރާސާތަކަށް ރިޢާޔަތްކުރެވޭނެއެވެ. އަދި ޒުވާނުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ. މި މަހާސިންތާގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެކަމަށް އޢަރުބާން ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޒުވާނުންގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އުފެއްދީ 2022 ވަނަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހުއެވެ. މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމެވެ.

