ސްޕެއިންގައި ކިޔެވުމަށް ވިސާ ނެގުމުގައި ލުއި ގޮތްތަކެއް ދަރިވަރުންނަށް ހަމަޖައްސައިދީފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.
ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނާ އެވުޒާރާއިން އޮންލައިންކޮށް ބައްދަލުކޮށް، އެ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި ސްޓޫޑެންޓް ލޯނާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް މާލީ ވުޒާރާއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއެކު މަޝްވަރާތައް ކުރިއަށް ގެންދެވިފައިވެއެވެ.
ވިސާ ހޯދުމުގައި ގެނެވުނު ލުއިތަކުގެ ތެރޭގައި، ދަރިވަރުގެ ބަޔޮމެޓްރިކް ޑޭޓާ ހުށައެޅުމަށްފަހު، ވަގުތީ ގޮތުން ރާއްޖެ އަންނަ ދަރިވަރުންނާއި ވަކި މުއްދަތެއްގެ ކުރިން ބަޔޮމެޓްރިކް ޑޭޓާ ހުށައަޅާފައިވާ ދަރިވަރުންގެ ޕާސްޕޯޓްތައް، ވުޒާރާ މެދުވެރިކޮށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ފޮނުވައި، ސްޕެއިން އެމްބަސީއަށް ވިސާއަށް އެދި ހުށައެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ސްޕެއިންގައި ކިޔަވާ ދަރިވަރުންނާ ފަސޭހައިން މުޢާމަލާތުކުރުމަށްޓަކައި ވަޓްސްއެޕް ނަންބަރެއްވެސް މިނިސްޓްރީން ވަނީ ތަޢާރަފްކޮށްފައެވެ. މިވަގުތު ސްޕެއިންގައި 127 ދިވެހި ދަރިވަރުން ދަނީ ޕައިލެޓްކަން ކިޔަވަމުންނެވެ.
މާލީ ވުޒާރާއިން ދެއްވާފައިވާ ލަފަޔާ އެއްގޮތަށް، ވަކި ދަރިވަރުންތަކަކަށް ވަކިން ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި، މިހާރު އެކުލަވާލާފައިވާ އުޞޫލުތަކުގެ ތެރެއިން ހައްލު ހޯދައިދިނުމަށް ވަނީ ނިންމާފައެވެ.

