ރައްޔިތުން އެދޭ ތަރައްޤީ ހާސިލުކޮށްދިނުމަށް އެންމެ އިސްކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ބ. ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފުޅަދޫގެ ތަރައްޤީއަށް ބޭނުންވާ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ބާރު ސްޕީޑުގައި ގެންދެވިފައިވާ ކަމަށާއި، މިހާރު ކުރިއަށް އޮތީ އަމަލީ މަސައްކަތްތައް ތަންފީޒުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގެ މަޤްޞަދަކީ މިކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވުމާއި، މަޢުލޫމާތު ހިއްސާކުރެއްވުން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ފުޅަދޫއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫޢު ހިންގުމެވެ. މި މަޝްރޫޢަކީ ރަށުގެ އާންމު ދިރިއުޅުމަށާއި، ޓޫރިޒަމް ދާއިރާގެ ކުރިއެރުމަށް މުހިންމު މަސައްކަތެއް ކަމަށް ފާހަގަކުރައްވައި، “މިމަހުގެ ތެރޭގައި އެ މަސައްކަތްތައް ފަށައިގަނެވި ވަރަށް އިސްކަންދީގެން ބާރު މިނުގައި ނިންމާނެ މަޝްރޫޢުއެއްކަމުގެ ޔަޤީންކަން ތިބޭފުޅުންނަށް އަޅުގަނޑު ދެން” ރައީސް ވިދާޅުވިއެވެ.
ފުޅަދޫގައި ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާތީ، ރަށަށް ޒިޔާރަތްކުރާ މީހުންނަށް ތިބުމުގެ ދަތިކަން ދިމާވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ މުވައްޒަފުންނަށް ރަށުގައި ޤާއިމްވެ ތިބުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުގައި އެކަމޮޑޭޝަން ބްލޮކެއް ހިމަނައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް މިހާރުވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވި، މަޝްރޫޢުއަށް ބޭނުންވާ ތަކެތި ހޯދިފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތް އަވަހަށް ނިންމުމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ފިލައިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފުޅަދޫގައި 240 އަށްވުރެ ގިނަ އެނދުގެ 16 ގެސްޓްހައުސް ހިންގަމުންދާއިރު، 416 މީހުންގެ އާބާދީއެއް ރަޖިސްޓްރީވެފައިވާ މި ރަށުގައި ދިރިއުޅެނީ 200 އެއްހާ މީހުންނެވެ. ފުޅަދޫއަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ ބަލީގެ މީހުން ގިނަ ރަށެކެވެ.
ސިއްޙީ ދާއިރާއިން ފުޅަދޫ ސިއްޙީ މަރުކަޒުގެ ގޯތިތެރޭގައި އައު އިމާރާތެއް އަޅައި، ލެބޯޓްރީއާއި އެހެނިހެން ޚިދުމަތްތައް މިއަހަރު ތެރޭގައި ފެށުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ކުޅިވަރުގެ ދާއިރާއިން މިއަހަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވޮލީ ކޯޓެއް އެޅުމުގެ މަޝްރޫޢު ހިމެނުމަށް ވަނީ ނިންމާފައެވެ. އަދި ފުރިހަމަ ފުޓްސަލް ދަނޑެއްވެސް ތަރައްޤީކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފުޅަދޫގެ ތަރައްޤީގެ ޕްލޭންގައި، ކައިރީގައިވާ އިންނަފުށި ރަށު ކައުންސިލާ ހަވާލުކުރުމަށާއި، އެރަށުން ލިބޭ އާމްދަނީ ރަށަށް ލިބޭނެ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އައު މިސްކިތެއް އެޅުމުގެ މަޝްރޫޢުވެސް ހިމެނުމަށް ވަނީ ނިންމާފައެވެ.

