ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން، ޒުވާނުންގެ ހުނަރުތަކާއި އުފެއްދުންތެރިކަން ދައްކާލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން “ނޫކަށި ފެސްޓިވަލް” ނަމުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ. މި ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 27 އިން 30 ވަނަ ދުވަހު މާލޭގެ އާޓިފިޝަލް ބީޗުގައެވެ.
ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލަކީ ޒުވާނުންގެ ހުނަރުތަކަށް ޕްލެޓްފޯމެއް ފޯރުކޮށްދީ، އެމީހުންގެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ފެސްޓިވަލްގައި ޒުވާނުންގެ އެކި އުފެއްދުންތައް ދައްކައިދޭ އެކި ސްޓޯލްތައް ހިމެނޭއިރު، އޭގެ ތެރޭގައި ޒުވާން ވިޔަފާރިވެރިންގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށާއި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ސްޓޯލުތައް ހިމެނޭނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ބައެއް ސްޓޯލްތައް ވެސް މި ފެސްޓިވަލްއިން ފެނިގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ހަވީރު ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފެސްޓިވަލްގެ ރޭތަކުގައި އާޓިސްޓުންގެ ލައިވް މިއުޒިކް ޝޯވް ވެސް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. މި ފެސްޓިވަލްއަކީ ޒުވާނުންގެ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތެއް ނަމަވެސް، އާއިލީ މާހައުލެއްގައި ގިނަ ބަޔަކަށް ބައިވެރިވެ، މަޖާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

