އާންމުގޮތެއްގައި އަބަދުވެސް ބަނޑެއްލާތީ ކަންބޮޑުވާތީ އަޑު އިވޭނީ އަންހެނުންނެވެ. އެކަމަކު އަންހެނުން އެކަންޏެއް ނޫނެވެ. ފިރިހެނުންވެސް ބަނޑުލުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއް ނޫނެވެ. އެހެނީ ބަނޑުލުމަކީ ސަރުބީ ޖެހުމާއި އެހެނިހެން ވެސް ސިއްހީ މައްސަލަތަކުގެ ފެށުމެވެ، އަދި އެފަދަ ކަންތައްތަކުގެ ހެކިވެސް މެއެވެ. ހާއްސަކޮށް ދަރިން ލިބުމަށްފަހު ގިނަ އަންހެނުންނާއި ފިރިހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި ބަނޑުގައި ސަރުބީ ޖެހުން އިތުރުވުން ހިމެނެއެވެ. މިއީ ގުދުރަތީ ގޮތުން އަންނަ ބަދަލުތަކެއް ކަމުގައި ވިޔަސް، މިކަމަށް އެކި ސަބަބުތައް މެދުވެރިވެއެވެ.
ފިރިހެނުން ބަނޑުލުމުގެ މައްސަލަ އޮތީ ހަމައެކަނި ދިވެހިރާއްޖޭގައެއް ނޫނެވެ. މުޅި އޭޝިއާ ސަރަހައްދުގައި ވެސް ފިރިހެނުންގެ ބަނޑުލުމަކީ ވަރަށް އާންމު ކަމެކެވެ. ޚާއްޞަކޮށް މެދު އުމުރުފުރައިގެ ފިރިހެނުންގެ މެދުގައި މި މައްސަލަ ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިއީ ޞިއްޙީގޮތުން ވެސް އަދި ޖަމާލީގޮތުން ވެސް ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. އާންމުކޮށް މީހުންނާ އިނުމާއި ދަރިން ލިބުމަށްފަހު ފިރިހެނުން ބަނޑުލުމަކީ ދިވެހިންގެ ތެރެއިން އާންމުކޮށް ފެންނަ މަންޒަރެކެވެ.
"ކުރިން ވަރަށް ފިޓްކޮށް ހޭންޑްސަމްކޮށް ހުންނާނީ، މެރީ ކުރި ފަހުން ދޮންބެ އުޅުނީ ލަންކާގައި، 3 އަހަރުފަހުން މާލެ އައީ، ފެނުނީމަ ހަމައަސްލަށްވެސް ނޭނގުނު، ފަހަރިއަށްވުރެ ދޮންބެ މާ ހެވީވެފައި ހުރީ، ބޭބީ ވިހެއީ ފަހަރި، އެކަމަކު ދޮންބެގެ ބަނޑެއްލާފައި ހުރީ،" ރައްޓެހި އަންހެންކުއްޖަކު އޭނާގެ ބޭބެއަށް 3 އަހަރުތެރޭ އައި ބަދަލު ކިޔައިދިނެވެ. "އަހާލީމަ ބުނީ ހަމަ އުފަލުގައި އުޅޭތީއޭ، އަސްލު ވެދާނެ ދޯ ތެދަކަށްވެސް،"
"އަހަރެން ފިރިސޮރުގެވެސް ހާލަތު ހަމަ، ކާކު ބުނާނީ މިހާރު އެހެރަ މީހާ ފެނުނީމަ އެއީ މީގެ 2 އަހަރު ކުރިން ސިކްސްޕެކްސް ވަރުނުވިޔަސް ހަމަ އިނގިރޭސިމޮޑެލް އެއްހެން ހުރި މީހެކޭ،" ތިރީހަކަށް އަހަރުގެ އެއްމާބަނޑު ދެކުދިންގެ މަންމައަކު ބުންޏެވެ.
"ތެދެއް ތިބުނީ، ބަނޑެއްލައިފި، އެކަމަކު އެއީ ކައިގެނެއް ނޫން، ވަށައިގެން ލޯބި." އޭނާގެ ފިރިމީހާ އައިސް އިށީންނަމުން ބުނެލިއެވެ.
ރައްޓެހިންގެ މެދުގައި ޒުވާބަކަށް ނުދިޔަ ހޫނުވި ބަހުސެކެވެ. ފިރިހެނުން "ވަށައިގެން ހުސް ލޯބި،" "ހަމަޖެހިގެން އުޅޭތީ،" އެބުނާ ސަބަބަކީވެސް ބަނޑެއް ލުމުގެ އެއްސަަބަބެވެ. ގިނަ ފަހަރު ކުދިން ލިބުމުން އުފާވެރިކަމާއެކު އެއްކަލަ ކައިވެނީގެ ކުރިން މެއިންޓެއިން ކުރި ހަށިގަނޑު މަތީން ހަނދާން ނެތޭ ގޮޮތްވެސް ވެއެވެ. އަދިވެސް އިތުރު އެހެނިހެން ސަބަބުތައްވެސް ހިމެނެއެވެ.

އަންހެނުން އެކަންޏެއް ނޫނެވެ. ފިރިހެނުންވެސް ބަނޑުލުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއް ނޫނެވެ.—ފޮޓޯ:އައިޕެކްސް
ހަށިގަނޑުގެ ހޯމޯން ބަދަލުވުމާއި، ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ގުދުރަތީ ގޮތުން އަންނަ ބަދަލުތަކަކީ ބަނޑުލުން އިތުރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ. މީގެ އިތުރުން، ދަރިން ބެލެހެއްޓުމުގައި އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން ކަސްރަތު ކުރުމަށް ވަގުތު ނުލިބުމަކީވެސް މިކަމަށް މެދުވެރިވާ އެއް ސަބަބެވެ.
ދިރާސާތަކުން ދައްކާގޮތުގައި އޭޝިއާގެ ފިރިހެނުންގެ ބަނޑުލުމުގެ މައިގަނޑު އެއް ސަބަބަކީ ގިނަ އަދަދަކަށް އެއްގަމު ޖަނަވާރުގެ މަސް ކެއުމެވެ. މީގެ 5000 އަހަރު ކުރިން އޭޝިއާގެ މީހުންނަކީ މިހާ ގިނައިން ޖަނަވާރުގެ މަސް ކާ ބައެއް ނޫނެވެ. ނަމަވެސް މިހާރު އޭޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ޖަނަވާރުގެ މަސް ކާ ބައްރެވެ. މީގެ އިތުރުން ތައްޔާރީ ކާނާއާއި ހަކުރުގެ ބާވަތްތައް ގިނައިން ބޭނުންކުރުމަކީ ވެސް ބަނޑުލުމަށް މެދުވެރިވާ މުހިންމު ސަބަބުތަކެވެ.
ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި ދަރިން ލިބުމަށްފަހު ގިނަ ފިރިހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި ބަނޑުލުން ހިމެނެއެވެ. މިއީ "ޑެޑް ބޮޑް" ގެ ނަމުގައި މަޝްހޫރުވެފައިވާ ކަމެކެވެ. ދަރިން ލިބުމަށްފަހު ފިރިހެނުންގެ ޓެސްޓޮސްޓެރޯން ހޯމޯން 20-30 އިންސައްތައަށް ދަށްވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި މޭދާ ރައްކާވުން އިތުރުވެ، މަސްތައް ބަލިކަށިވެއެވެ.
ދަރިން ލިބުމަށްފަހު ގިނަ ފިރިހެނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދުމުގެ ވަގުތު މަދުވެ، ކުދިންނާއެކު ވަގުތު ހޭދަކުރުމުގެ ސަބަބުން ކަސްރަތު ކުރުމަށް ލިބޭ ވަގުތު މަދުވެއެވެ. މީގެ އިތުރުން ކުދިންނާއެކު ކެއުމުގައި އާދަވެފައިވާ ގޮތްތައް ބަދަލުވެ، ފަސޭހައިން ލިބެންހުންނަ ޕްރޮސެސްޑް ކާނާ ބޭނުންކުރުން އިތުރުވެއެވެ.
ދަރިން ބެލެހެއްޓުމުގެ ޒިންމާއާއި، މާލީ ޒިންމާތަކުގެ ސަބަބުން ލިބޭ ނަފްސާނީ ބުރަކަމަކީ ވެސް ބަނޑުލުމަށް މެދުވެރިވާ ސަބަބެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދަރިން ތިބޭ މައިންބަފައިންގެ ތެރެއިން 43 އިންސައްތަ މީހުން ސްޓްރެސްގެ ސަބަބުން ގިނައިން ކައި އުޅެއެވެ. މިއީ ދަރިން ނެތް މީހުންގެ ނިސްބަތް ކަމުގައިވާ 30 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.
ބަނޑުލުން ކޮންޓްރޯލް ކުރުމަށްޓަކައި ރަނގަޅު ކާނާ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތު ކުރުމަކީ މުހިންމު ކަމެކެވެ. މޭވާއާއި ތަރުކާރީގެ އިތުރުން ޕްރޮޓީން އެކުލެވޭ ކާނާ ބޭނުން ކުރުމާއެކު، ދިޔާ ތަކެއްޗާއި ބޯންޖެހޭ މިންވަރު ބޭނުން ކުރުމަކީވެސް މުހިންމު ކަމެކެވެ. އަދި މިކަމާ ގުޅޭގޮތުން ޞިއްޙީ ފަރުވާދޭ ފަރާތްތަކުގެ ލަފާ ހޯދުމަކީވެސް ބުއްދިވެރި ކަމެކެވެ.
ޞިއްޙީ މާހިރުންގެ ލަފާގައި، ބަނޑު ހިންދުމަށް ބޭނުންވާ ފަރާތްތަކުން ރިފައިންޑް ކާބޯހައިޑްރޭޓްސް މަދުކޮށް، ޕްރޮޓީންގެ މިންވަރު އިތުރުކުރުމަށް އިރުޝާދު ދެއެވެ. މީގެ އިތުރުން ގަވާއިދުން ކަސްރަތުކޮށް، ރަނގަޅު ނިދުމުގެ އާދަތައް ދެމެހެއްޓުމަކީ ވެސް މުހިންމު ކަމެކެވެ. އަދި ސްޓްރެސް މެނޭޖްކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ ވެސް މުހިންމު ކަމެކެވެ.

