ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެ ރަށުގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ.
ފުޅަދޫއަށް ވަޑައިގެން، ރޭގައި ރައީސް ވަނީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
އަދި މިއަދު ރައީސް މުޑރ ޢިއްޒު ވަނީ އެ ރަށުގައި އަލަށް ޤާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މި ޚިދުމަތް ފެއްޓެވުމުގެ ގޮތުން ރައީސް ވަނީ އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
އޭޓީއެމްގެ ޚިދުމަތް ފެއްޓެވުމަށްފަހު، ރައީސް ވަނީ އެ ރަށުގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިޙްސާން، ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމަކީ ރައީސް މުޢިއްޒުގެ އިންތިޚާބީ ވައުދެއްކަން ފާހަގަކޮށްލެވެއެވެ. މި ވައުދާ އެއްގޮތަށް މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ވަނީ ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރެވިފައެވެ.

