ނ. ވެލިދޫ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ހިންގައިފިއެވެ.
މިއީ ވެލިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި މަހުގެ 11ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ވެލިދޫ ކައުންސިލުން ކުރިއަށް ގެންދިޔަ އިސްރަށްވެހިންގެ ހަވީރުގައި ޕޮލިސް ސްޓޭޝަނުން ބައިވެރިވެ ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އެގޮތުން، އާންމު ވަމުންއަންނަ ސްކޭމް މައްސަލަތަކާއި އެފަދަ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އަމަލުތައް ހުންނަ ގޮތްތައް ކިޔައިދީ އެފަދަ މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ސްކޭމްތައް ހިންގަމުންދާތީ އެފަދަ ކަންކަމަށް ސަމާލުވެ ރައްކާތެރިވެތިބުމަށާއި ބެންކު އެކައުންޓުގެ މައުލޫމާތާއި އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. މި ހަރަކާތުގައި ވެލިދޫގެ ގިނަ އިސްރަށްވެހިން ބައިވެރިވެފައިވެއެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
- ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.
- ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.
- އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.
- ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.
- އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.
އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ.
އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

