ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިއާގައި، ޚާއްޞަކޮށް ޓިކްޓޮކްގައި އެންމެ ގިނައިން ދައުރުވަމުން ދިޔަ އެއް ވާހަކައަކީ ޖެސިކާ ރެޑްކްލިފް ކިޔާ އޯކާ ޓްރެއިނަރަކު، އޭނާ ބަލައި ބޮޑުކުރި އޯކާ (ކިލަރވޭލް)ގެ ހަމަލައެއްގައި މަރުވެއްޖެ ކަމަށް ބުނާ ވާހަކައެވެ. މި ވާހަކައަކީ ގިނަ ބައެއްގެ ސަމާލުކަން ލިބި، އޭގެ ހަގީގަތް ހޯދުމަށް ގިނަ ބަޔަކު މަސައްކަތްކުރި ވާހަކައެކެވެ.
ވީޑިއޯތައް ވައިރަލްވުމާ ހަގީގީ ހާދިސާތަކާ ގުޅުން
މި ވާހަކަ އެންމެ ފުރަތަމަ ފެތުރެން ފެށީ ޓިކްޓޮކް މެދުވެރިކޮށެވެ. އެ ވީޑިއޯތަކުގައި ބުނެފައިވަނީ ޖެސިކާ ރެޑްކްލިފްއަކީ ޕެސިފިކް ބްލޫ މެރިން ޕާކުގައި މަސައްކަތްކުރި އޯކާ ޓްރެއިނަރެއް ކަމަށާއި، އޭނާ އެންމެ ކުޑައިރުއްސުރެ ބަލައި ބޮޑުކުރި އޯކާގެ ހަމަލައެއްގައި މަރުވެއްޖެ ކަމަށެވެ. މި ވާހަކައަށް އިތުރު ބާރެއް ގެނައުމަށްޓަކައި އޭއައި މެދުވެރިކޮށް އުފެއްދި އެތައް ވީޑިއޯއެއްވެސް ދައުރުކުރެވުނެވެ.
މި ވާހަކަ މިހާ ބޮޑަށް ވައިރަލްވެގެން ދިއުމާ ގުޅިގެން، ބައިނަލްއަގުވާމީ މީޑިއާތަކުގެ ފެކްޓް ޗެކިންގ ޓީމުތަކުން ވަނީ މިއީ ދޮގު ވާހަކައެއްކަން ކަށަވަރުކޮށްދީފައެވެ. އެއްވެސް ރަސްމީ ލިޔެކިޔުމެއްގައި ޖެސިކާ ރެޑްކްލިފް ކިޔާ އޯކާ ޓްރެއިނަރަކު ހުރިކަން އަދި މިފަދަ ހާދިސާއެއް ހިނގިކަން ފެންނާކަށް ނެތެވެ.
މި ވީޑިއޯތައް އެހާ ވަރަށް ވައިރަލްވެ، މީހުން ގަބޫލުކުރަން ޖެހުނީ، ކުރީގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ ސަބަބުންނެވެ. މީގެ ތެރޭގައި 2010 ވަނަ އަހަރު ސީވޯލްޑް އޯލަންޑޯގައި ޓިލިކަމް ނަމަކަށް ކިޔާ އޯކާއަކު 40 އަހަރުގެ ޓްރެއިނަރެއް ކަމަށްވާ ޑޯން ބްރަންޗިއޯ މަރާލި ހާދިސާ ހިމެނެއެވެ. މީގެ އިތުރުން ސްޕެއިންގެ ޓެނެރިފޭގައި ހުންނަ މެރިން ޕާކެއްގައި އެލެކްސިސް މާޓިނެޒް ނަމަކަށް ކިޔާ ޓްރެއިނަރަކުވެސް ވަނީ އޯކާއެއްގެ ހަމަލާއަކުން މަރުވެފައެވެ.
އޯކާ ޝޯތަކުގެ ހަގީގަތް
ދުނިޔޭގައި އޯކާ ޓްރެއިނަރުންނަށް ހަމަލާދީ، އަނިޔާވެފައިވާ އެތައް ހާދިސާއެއް ހިނގާފައިވެއެވެ. މިފަދަ ހާދިސާތަކާ ގުޅިގެން ބައެއް އެކްއޭރިއަމްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ލައިސަންސް އަތުލާފައިވެސް ވެއެވެ. މިކަމުގެ ސަބަބުން ގިނަ ގައުމުތަކުގައި އޯކާ ޝޯތައް މަނާކޮށްފައިވެއެވެ.
އެގޮޮތުން ފާހަގަކޮށްލެވޭ އެއް ހާދިސާ ޑޯން ބްރަންޗިއޯގެ މަރުގެ ހާދިސާ، 2013 ވަނަ އަހަރު “ބްލެކްފިޝް” ނަމުގައި އުފެއްދި ޑޮކިއުމެންޓްރީއެއްގައި ވަރަށް ތަފްސީލުކޮށް ގެނެސްދީފައިވެއެވެ. މި ޑޮކިއުމެންޓްރީއިން އޯކާތައް ބަންދުކޮށްގެން ގެންގުޅުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ މެދު ބޮޑު ބަހުސްތަކެއްވެސް އުފެދުނެވެ،
ސޯޝަލް މީޑިއާ، އާޓިފިޝަލްއިންޓެލިޖެންސްއަށް ސަމާލު ވާން ޖެހޭ
ޖެސިކާ ރެޑްކްލިފްގެ ވާހަކައިން ދައްކައިދެނީ ސޯޝަލް މީޑިއާގައި ދޮގު މަޢުލޫމާތު ފެތުރުމުގެ ނުރައްކާތެރިކަމެވެ. އޭއައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކުގެ ސަބަބުން މިފަދަ ދޮގު ވާހަކަތައް އިތުރަށް ފެތުރުމަށް މަގުފަހިވެގެންދެއެވެ.
ޖެސިކާ ރެޑްކްލިފްގެ ވާހަކައަކީ ހަގީގަތެއް ނެތް، މުޅިން ދޮގު ވާހަކައެކެވެ. ވޯކަލް މީޑިއާގެ ފެކްޓް ޗެކަރުން ހޯދި ގޮތުގައި ޖެސިކާ ރެޑްކްލިފް ނަމަކަށް މެރިން ޕާކެއްގައި މަސައްކަތްކުރި މީހަކު ނުވެއެވެ. އަދި އެފަދަ ހާދިސާއެއް ހިނގިކަން އެއްވެސް ރަސްމީ ރެކޯޑަކުން ދައްކާކަށް ނެތެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މީގެ ކުރިން މިފަދަ ހާދިސާތަކުގެ ސަބަބުން އޯރކަ ޝޯވ ތައް ދިނުން ހުއްޓުވައި އެކްއޭރިއަމްތައް ބަންދުކޮށް ބޮޑު އަދަދުން ޖޫރިމަނާކުރުން ފަދަ ކަންތައް ދިމާވެފައި ހުރުމުން، މިހާދިސާ ހިނގުމާއެކު އެތަނުން ބޭރަށް އެއްވެސް ބަޔަކު ނުނެރެ ހުރިހާ ވީޑިއޯތައް އަތުލި ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. އަދި ވީޑިއޯތައް ޑިލީޓްކޮށްފައި ފޯނުތަސއް ހަވާލުކުރީ އެވީޑިއޯތަކަށް ބޮޑުއަދަދުން ފައިސާ ދީފައިކަމަށްވެސް ބުނާ ވާހަކަތަކެއް ފެތުރުނެވެ. ސަބަބަކީ އޯރކަ ޝޯވ ތަކަކީ ބިލިއަނުން ލާރި އުފައްދާ ޝޯވތަކަކަށް ވާތީ މިފަދަ ގެއްލުމެއް ފޫބަައްދަން އެކްއޭރިއަމްތަކުން ކޮންމެފަދަ އަގެއްވެސް ދީފާނެތީއެވެ، އެހެންނަމަވެސް ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި އެވާހަކަވެސް ގަބޫލުކުރަން ފަސޭހަނޫނެވެ. ސަބަބަކީ ގިނަ ފަހަރު އެފަދަ ހާދިސާއެއް ދިމާވުމާއެކު ވީޑިއޯތައް ވައިރަލްވުން އޮންނާނީ އެވަގުތުން ވަގުތަށް ހިނގާފައި ކަމަށްވާތީއެވެ.
މިހުރިހާ ކަމަކީވެސް އިބްރަތް ލިބިގަންނަންޖެހޭ ފަދަ ކަންތައްތަކެވެ. ޖެސިކާގެ ވާހަކައިން ހާމަކޮށްދެނީ ސޯޝަލް މީޑިއާގައި ފެންނަ ހުރިހާ މަޢުލޫމާތެއްގެ ހަގީގަތް ބަލައި ޔަގީންކުރުމުގެ މުހިންމުކަމެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފެތުރުމުގައި އަޅުގަނޑުމެން ބައިވެރިނުވުމުގެ މުހިންމުކަމެވެ.

