ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ފުއްދަވައި، ސްކޫލްތަކުގެ އަހަރީ ބޮޑު ޗުއްޓީ ޑިސެންބަރު މަހަށް ބަދަލުކުރުމަށް ނިންމަވައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ 2026 ވަނަ އަހަރުގެ ވަގުތީ އެކަޑެމިކް ކަލަންޑަރު އާންމުކޮށްފައެވެ.
އާ އެކަޑެމިކް ކަލަންޑަރާ އެއްގޮތަށް 2026 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގެ މެދުތެރޭގައި މެއި 24 އިން 30 އަށް ކުރު ޗުއްޓީއެއް ލިބޭއިރު، ފުރަތަމަ ޓާމު ނިމި ދަރިވަރުންނަށް ޖުލައި 17 އިން އޯގަސްޓް 1 އަށް ޗުއްޓީއެއް ލިބޭނެއެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޯގަސްޓް 2 ވަނަ ދުވަހުއެވެ. އަދި އަހަރީ ބޮޑު ޗުއްޓީގެ ގޮތުގައި ޑިސެންބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ 12 އާ ހަމައަށް ޗުއްޓީ ލިބޭނެއެވެ. 2027 ވަނަ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 17 ގައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރެއްވި އެވެ. އެއީ ޑިސެންބަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށްވެފައި، އެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ދަރިންނާއެކު ވަގުތު ހޭދަކުރުމަށް ދަތިވާނެކަމަށް ބެލެވުނު ހިނދު، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ނަމަވެސް ރައީސް މުއިއްޒުގެ އިންތިޚާބީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނުނު، ބޮޑު ޗުއްޓީ އަނބުރާ ޑިސެންބަރަށް ބަދަލުކުރެއްވުމުގެ ވައުދު މިހާރު ވަނީ ފުއްދަވާފައެވެ. މި ބަދަލާއެކު ގިނަ ބެލެނިވެރިންނާއި ދަރިވަރުންނަށް އަހަރު ނިމޭއިރު ޢާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

