ބ. ހިތާދޫގައި ބޮޑު ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު ފުޓްބޯޅަ ދަނޑުތަކާއި އެހެނިހެން ދަނޑުތައް ހަދަމުންދަނީ ހުރިހާ ކަމެއް ފުރިހަމަވާ ގޮތަށެވެ. “މީގެ ކުރީގައި ރަށްރަށުގައި ދަނޑުތައް ހަދަނީ އެކި ކުންފުނިތަކަށް އެކި މަސައްކަތް ދީގެން. ނަމަވެސް މިހާރު އެކަން ކުރަނީ އެގޮތަކަށް ނޫން” ރައީސް ވިދާޅުވިއެވެ.
މިގޮތުން، އަލަށް ހެދޭ ދަނޑުގައި ސަބްބޭސްއާއި ވަށާފާރު އަދި ލައިޓިންގ ސިސްޓަމްގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ހިމެނޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ފުޓްބޯޅަ ދަނޑުގެ އިތުރުން، ހިތާދޫގައި އިތުރު ތިން ކުޅިވަރު މަޝްރޫއެއް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށްވެސް ރައީސް އިއުލާނުކުރެއްވިއެވެ. މިގޮތުން ވޮލީ ކޯޓެއް އެޅުމާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމުގެ އިތުރުން އައުޓްޑޯ ޖިމްއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށޭނެއެވެ.
މި މަޝްރޫއުތަކަކީ ކުރިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކެއް ކަމަށާއި، މި މަޝްރޫއުތައް ފެށުމުން ހިތާދޫގެ ޒުވާނުންނަށް ކުޅިވަރުގެ ރަނގަޅު ވަސީލަތްތަކެއް ޤާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.

