ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން އެއަރ އަރަބިއާއަށް ޚިދުމަތް ދޭން ފަށައިފިއެވެ. އެއަރ އަރަބިއާއަކީ އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށި ބޭރުގެ ފުރަތަމަ އެއަރލައިނެވެ.
އެއަރ އަރަބިއާއަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން ޓަރމިނަލް 1 ގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ޑިޕާޗަރ ސަރަހައްދުގައި ރިބަން ކެނޑުމާއެކު އެއަރލައިނުގެ އޮޕަރޭޝަން ފެށުނެވެ. މިހާރު އެ އެއަރލައިނުން ދުވާލަކު އެއް ދަތުރު ކުރަމުންދާއިރު، އޮކްޓޯބަރ 27 އިން ފެށިގެން ދުވާލަކު ދެ ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ.
އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށި ފުރަތަމަ އެއަރލައިނަކީ މޯލްޑިވިއަން އެވެ. އެއަރ އަރަބިއާއަކީ މި ޓަރމިނަލުން ޚިދުމަތް ދޭން ފެށި ދެވަނަ އެއަރލައިނެވެ. މި މަހުގެ ނިޔަލަށް އިތުރު 7 އެއަރލައިނަކަށް ޚިދުމަތް ދިނުމަށް މަޝްވަރާތައް ވަނީ ފަށާފައެވެ.
އައު ޓަރމިނަލުން ޚިދުމަތް ދިނުމަށް މަޝްވަރާ ކުރެވެމުންދާ އެއަރލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ހިމެނެއެވެ. މި އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށް ޓަރމިނަލް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. މި ޓަރމިނަލުގައި 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް، ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރު އަދި 12 އެއިރޯ ބްރިޖް ވަނީ ޤާއިމްކޮށްފައެވެ. މި ވަސީލަތްތަކުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.


