ބ. ކިހާދޫގެ ތަރައްގީއަށް ބޭނުންވާ ގިނަގުނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި، އެ މަޝްރޫއުތައް ބައްޓަންކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ކިހާދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުން އިފްތިތާހުކޮށްދެއްވާފައެވެ. ރައްޔިތުންނާ މުޚާތަބުކުރައްވައި ވިދާޅުވީ ދެން ހުރި މަޝްރޫއުތައް ވެސް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރަށުގެ އުތުރު ފަރާތުގައި ޚާއްސަކޮށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ އައު މަޝްރޫއެއް މި އަންނަ އަހަރު ފެށުމަށް ބަޖެޓް ކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ. “އިރާދަ ވިއްޔާ ބަޖެޓުކޮށް މި އަންނަ އަހަރުގެ ތެރޭގައި މިރަށުގައި ދެން ހިމާޔަތް ކުރަން އޮތް ސަރަޙައްދު ވެސް އަޅުގަނޑުމެން ހިމާޔަތް ކޮށްދޭނަން،” ރައީސް ވިދާޅުވިއެވެ.
އެ ރަށުގެ އިންޖީނުގެ ރީލޮކޭޓް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ކައުންސިލުން ހަމަޖައްސާފައިވާ ބިމުގައި އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒަށް އިތުރު އެމްބިއުލެންސެއް ހޯދުމާއި އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. “މި މަސައްކަތް ތަރުތީބު ކޮށްގެން އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި އެމްބިއުލެންސް ހޯދާ އަދި މި އަންނަ އަހަރަށް ބަޖެޓު ހަދާއިރުގައި މި އަންނަ އަހަރުގެ ކުރީ ކޮޅު އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާނަން،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތާއި، ފުޓްބޯޅަ ދަނޑާއި ޔޫތު ސެންޓަރުގެ މަސައްކަތްތައް ވެސް ތަރުތީބުން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު އެރަށުގައި ކުޑަކުދިންގެ ޕާކެއް އަޅުއްވައިދެއްވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް މިއަދު ދެއްވިއެވެ.

