މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން މިއަދު ފާހަގަކޮށްފިއެވެ. މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
15.6 މިލިއަން ރުފިޔާގެ މި މަޝްރޫޢު ކުރިއަށް ގެންދިޔައީ އެމްޓީ ހޯގާޑާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުން ގިރާފައިވާ ސަރަހައްދުގެ ވެލިގަނޑު އިއާދަކުރުމަށް ވެލި އަޅައި، 548 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ވަނީ ލާފައެވެ.
ކިހާދޫ ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުމެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ސަރުކާރުން ވަނީ މި މަޝްރޫޢު އެމްޓީ ހޯގާޑާ ހަވާލުކޮށްފައެވެ.
ކިހާދޫ ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގިރަމުންދިޔައީ އެރަށު ބަނދަރު ހެދުމަށް ނެގި ވެލިތައް އަޅާފައިވާ ސަރަހައްދެވެ. މީގެ ކުރިން މި ސަރަހައްދަށް ގާތްގަނޑަކަށް 30,000 ކިއުބިކް މީޓަރުގެ ވެލި އަޅާފައިވެއެވެ. އަދި 600 ފޫޓުގެ ސަރަހައްދަކަށް މި ވެލި އަޅާފައިވާއިރު، އޭގެތެރޭގައި ފުޅާމިނުގައި 10 ފޫޓު އަދި އުސްމިނުގައި 20 ފޫޓަށް ވެލި ހުރި ސަރަހައްދުތައްވެސް ހިމެނެއެވެ.
މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިހާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

