ހުނަރުވެރި އަދި ޤާބިލު ގިނަ ޒުވާނުން ތިބި ނަމަވެސް، ސެޓްފިކެޓް ނެތުމުގެ ސަބަބުން ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ސެޓްފިކެޓް ދެވޭނެ ނިޒާމެއް ޤާއިމްކުރަން ޖެހޭ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރުގެ ޚާއްސަ އެޑްވައިޒަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފެށުމާ ގުޅިގެން، މި ސިޔާސަތުގެ މައިގަނޑު އޮނިގަނޑު އެކުލަވާލުމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ފުންކޮށް ވިސްނައި، ދިރާސާކޮށްގެން ކުރެވޭ މަސައްކަތެއްކަން ނަރީޝް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި 65 ޕަސެންޓް ވޯޓުދޭނީ ޒުވާނުންކަމަށްވާތީ، އެފަރާތްތަކުގެ މުސްތަޤުބަލު ބައްޓަންކުރުމަށް ނިންމޭ ނިންމުންތަކަކީ ވަރަށް މުހިންމު ނިންމުންތަކެއްކަންވެސް ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުގައި ވަރަށް ތައުލީމީ، ގާބިލު ހުނަރު ދައްކާލަދޭނެ ޕްލެޓްފޯމެއް ރަނގަޅުކަންތައްތަކެއް ފަހިކޮށް ނުދެވޭ އެތައް ޒުވާނުން އެބަތިބި، މިސާލަކަށް ހެކަރުންގެ ގޮތުގައި ޒުވާނުން އެބަތިބި އެކަމަކު އެއްވެސް ސެޓްފިކެޓެއްނެތް، ވެބްސައިޓް ޑިޒައިންކުރާ ކުދިން އެބަތިބި އެކަމަކު އެއްވެސް ސްޓެފިކެޓެއް ނެތް، އެކަމަކު ދުނިޔޭގެ ފެންވަރުގެ ހެކަރުންނާ ވާދަކޮގެން ހެކްކުރެވޭވަރުގެ ޒުވާނުންވެސް އެބަތިބި، ދެން އެކުދިން ވަޒީފާއަކަށް އެޕްލައި ކުރީމަ ސެޓްފިކެޓް ލިޔެކިޔުން ނެތީމަ ވަޒީފާ ނުލިބޭ، އަޅުގަނޑު ދަންނަ ސޮފްޓްވެއަރ އިންޖިނިއަރެއް، އެއްވެސް ސެޓްފިކެޓެއް ނެތް، އެކަމަކު ރާއްޖޭގައި މިހާތަނަށް ކޮށްފައި ހުރި ބިޔަ ބޮޑެތި ބުރަ މަސައްކަތްތައް އެކުދިންގެ ޝާމިލުވުން ހިމެނޭ، ވަޒީފާއަކަށް ކުރިމަތިލީމަ ސެޓްފިކެޓް ނެތިގެން ނުލިބުނީމަ އެކުދިންނަށް ވަޒީފާ ދިނީ މުލިއާގެއިން، މިދެންނެވީ އެކުދިންގެ ހުނަރު ދައްކައި އެކުދިންނަށް ސެޓްފިކެޓް ދެވޭނެ އެކުދިންގެ ފެންވަރު ބަލާފައި އެކުދިންނަށް ސެޓްފިކެޓެ ދެވޭނެ ކަހަލަ މަގެއް ހޯދަން ޖެހޭ، އުފެދުމުގައި ހުނަރުވެރި، ޅަދުވަހުން ފެށިގެން އެކަމުގެ ތެރޭގައި އުޅެމުން ގޮސް އެކަމުގެ އެކްސްޕާޓުންނަށް ވެފައިތިބި ކުދިން، އެފަދަ ކުދިން ސެޓިފައި ވާނެ ކޮންމެވެސް ފޯމިއުލާއެއް މިދިރާސާގެ ތެރެއިން ރައީސަށް އަރުވާ ރިކޮމެންޑޭޝަނުގެ ތެރޭގައި ހިމެނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް." ނަރީޝް
އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި، ކުރެވޭ ދިރާސާގެ ތެރެއިން ޒުވާނުންގެ ހުނަރު ވަޒަންކޮށް، އެފަރާތްތަކަށް ސެޓްފިކެޓް ދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ހުށަހެޅުމަށް ބާރުއަޅުއްވާފައިވެއެވެ.
"ޒުވާނުންނާ ގުޅުން ހުރި މެނިފެސްޓޯގައި ހުރި ކަންކަން ހާސިލު ކުރުމަށްޓަކައި ރައީސަށް ތިބޭފުޅުންނާ ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވުން، ގުޅިލާމެހިގެން އެކުގައި ކުރާ މަސައްކަތަކުން ނަތީޖާ ނުކުންނާނީ، ބައިބައިވެގެން އަޅުގަނޑުމެންނަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ،" ނަރީޝް ވިދާޅުވިއެވެ.

