މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ދެމެދު ދިގު މުއްދަތުގެ ސްޓްރެޓީޖިކް ޕާޓްނަޝިޕެއް ގާއިމުކުރުމުގެ މަގްސަދުގައި ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްޕީއެލް ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވުނު ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން އެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ފަރުހަތު ޝަހީރު އެވެ.
މި ފަހުމުނާމާގެ މައިގަނޑު މަގްސަދަކީ ދެ ކުންފުނިން ގުޅިގެން ކުރެވިދާނެ ފައިދާހުރި ވިޔަފާރީގެ ދާއިރާތައް ދެނެގަނެ، ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށް އެމްޕީއެލްއިން މަޢުލޫމާތު ދެއްވިއެވެ.
މި ފަހުމުނާމާގެ ދަށުން ދެ ކުންފުންޏަށް ފައިދާހުރި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށާއި، ދެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވެއެވެ.
މީގެއިތުރުން، މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމުގައި ދެ ކުންފުނިން އެއްބާރުލުން ދިނުމަށްވެސް މި ފަހުމުނާމާގައި އެއްބަސްވެފައިވާ ކަމަށް އެމްޕީއެލްއިން ފާހަގަކުރެއްވިއެވެ.

