ބ. ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 13 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި، މިކަމުން ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. ދޮންފަނު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވި ގޮތުގައި، އެ ރަށުގައި މަޝްރޫއު ފެށުމަށް ގިނަ ކަންކަން ވަނީ ފަހިކުރެވިފައެވެ. އަދި މިއަދު ބައެއް މަޝްރޫއުތައް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމާއި، ބަނދަރުގެ ނެރު ފައިކަށީގެ މައްސަލަ ހައްލުކުރުމާއި، މޫދަށް އެރޭ ސަރަހައްދެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ސްކޫލް މަޝްރޫއު ނިމުމުން ޖާގައިގެ މައްސަލަ ހައްލުވެ، ތައުލީމީ ދާއިރާއިން ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
“މި ސަރުކާރުން އަޅުގަނޑުމެން ދަނޑުތައް ހަދާ، ފަށަން ނިންމަން މި އުޅެނީ ހުރިހާ ކަމެއް ހިމެނޭގޮތަށް. މާނައަކީ ލައިޓް ވެސް ޖަހާ، ރޭގަނޑު ވެސް ކުޅެވޭގޮތަށް ފެންސްވެސް ލެވި، ހުރިހާ ގޮތަކުންވެސް ފުރިހަމަކަން ލިބޭގޮތަށް،” ރައީސް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑަބްލިޔުއެސްސީން ތިން ފަހަރު އިއުލާންކޮށްގެން ވެސް މަސައްކަތަށް މީހުން ނުލިބޭ ކަމަށެވެ. ނަމަވެސް، ރާއްޖެއިން ބޭރުން ނަމަވެސް މީހުން ގެނެސްގެން މަސައްކަތް އަވަހަށް ފަށައި، ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުތަކާއެކު ރަށުގެ ބިމާއި، ބަނދަރާއި، މޫދަށް އެރުމުގެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

