ބ. ދޮންފަނުގެ މަލްޓީޕާޕަސް ހޯލާއި ރަށުގެ ބަނދަރުގެ ނެރު ފުން ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް މިއަދު ކުރެއްވި ދަތުރުފުޅެއްގައެވެ.
ހިތާދޫ ސްކޫލުގެ މަލްޓީޕާޕަސް ހޯލާއި 6 ކްލާސްރޫމާއި ސައިންސް ލެބޯޓްރީ އަދި ލައިބްރަރީ އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ތައުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާއިލް ޝަފީއެވެ. އަދި މި މަސައްކަތް ހަވާލުކުރެވުނު ފަހި ކޯޕަރޭޝަން ދިރިއުޅުމުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ އެމްޑީ ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީއެވެ.
މި މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫއުތަކުގެ ސަބަބުން ރަށުގެ ގިނަ ކަންތައްތަކެއް ހައްލުވެގެންދާނެ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށް މި މަޝްރޫއުތައް އެ ރަށުގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެއެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ސްކޫލް އިމާރާތުގެ މަޝްރޫއަކީ ރަށުގެ ތައުލީމީ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ވާއިރު، ބިން ހިއްކުމާއި ބަނދަރުގެ ނެރު ފުންކުރުމުގެ މަޝްރޫއަކީ ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.

