މާލެ ސިޓީގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދު (އަލް) ނިޔާވިތާ މިއަދަށް އެއްމަސް ދުވަސްވުމާ ގުޅިގެން، އޭނާގެ މަންމަ މަރިޔަމް އަޝްފާ ވަނީ އަސަރުގަދަ ޕޯސްޓެއް ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައެވެ.
އުމުރުން 17 އަހަރުގެ އަލްސަން ނިޔާވީ ފާއިތުވި މަހުގެ 13 ވަނަ ދުވަހުގެ ރޭ، ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ.
"މަންމައާއި ބައްޕަގެ ހިތާމަތަކާއި ރިހުންތަކަށް ކިރިޔާ ވެސް ލުޔެއް ލިބިގެންމިދަނީ اللہ سبحانہ وتعالی އާއި ދަރިފުޅު ދެކެ ވާ ލޯބީގެ ޙައްޤުގައި މި ކުރާ ނަމާދާއި، ދުޢާއާއި ޒިކުރުތަކާއި ކީރިތި އާޔަތްތަކުގެ އެހީއާއި މަދަދުން،" އަޝްފާ އޭނާގެ ޕޯސްޓުގައި ލިޔުއްވިއެވެ.
އަލްސަންގެ ޖަނާޒާގައި ފެނިގެން ދިޔައީ އޭނާއަށް އާއިލާއާއި ރަހުމަތްތެރިން ދެކެ ވާ ލޯބީގެ މިންވަރެވެ. އަޝްފާ ވިދާޅުވި ގޮތުގައި އެންމެ ގާތް ކުދިންނާއި އެކުވެރިންގެ ހިތުގައި ވެސް އަލްސަނަށްޓަކައި ޚާއްސަ ޖާގައެއް އޮތެވެ.
"ދަރިފުޅަކީ މަންމައާއި ބައްޕައަށް اللہ سبحانہ وتعالی ދެއްވި އަމާނާތެއް. އަނބުރާ ގެންދެވިފައިތިޔަވަނީ އެކަލާނގެ ޙަޟްރަތަށް. އެކަލާނގެ ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވޭ،" އަޝްފާ ލިޔުއްވިއެވެ.
އަޝްފާއާއި ތޭރަވާގެ ދުޢާއަކީ އަލްސަންގެ ބަރުޒަޚުގެ ޢާލަމަކީ ރައްކާތެރި، އަމާން، ތަނަވަސް، ފިނިކަމާއި އަލިކަން ލިބިގެންވާ ތަނެއް ކަމުގައި ވުމެވެ. އަދި ދަރިފުޅުގެ އެންމެހާ ކުށް ފާފަތައް ފުއްސަވާދެއްވުމެވެ. "ދަރިފުޅާ އެކު ސުވަރުގޭގައި ވުމަށްޓަކައި މިދަނީ ތާއަބަދު ގަދައަޅާ މަސައްކަތް ކުރަމުން. ވަރަށް ވަރަށް ވަރަށް ލޯބިވޭ އަލްސަން ދަރިފުޅާ،" އަޝްފާ ޕޯސްޓު ނިންމާލެއްވިއެވެ.


