ޒުވާނުން ބާރުވެރިކޮށް، ވަޒީފާގެ ފުރުސަތުތަކަށް ތައްޔާރުކުރުމަށް ކެރިއާ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމްއައިޓީ) އާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު އެޗްޑީސީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ އަހްމަދު މުހައްމަދެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، އަންހެނުންނާއި ޒުވާނުން، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމުގެ ޕްރޮގްރާމުތައް ކުރިއަށްގެންދާނެއެވެ. މީގެ ތެރޭގައި ސްކޫލް ނިންމައި ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ކެރިއަރ ގައިޑެންސް ޕްރޮގްރާމުތައް ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރޮގްރާމުތަކުގެ ތެރޭގައި ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ ޑޮމެސްޓިކް އެޕްލައަންސް ސޭފްޓީ ޕްރޮގްރާމްތަކާއި، މޮޓޯ ސައިކަލް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޕްރޮގްރާމުތައް ހިމެނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ވީލްޗެއަރ މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޕްރޮގްރާމުތައްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޒުވާނުންނަށް ކެރިއަރ ގައިޑެންސް ދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް އިސްނަގައިގެން މިފަދަ ޕްރޮގްރާމުތައް ހިންގަމުންދެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ގިނަ ޕްރޮގްރާމުތައް ހިންގައި، ދިވެހި ޒުވާނުން ބާރުވެރިކުރުވައި، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ކުރިއެރުވުމަކީ އެޗްޑީސީގެ މުހިންމު އަމާޒެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

