ދިވެހި ބޭސްވެރިކަމަށް ބޭނުންވާ މުހިންމު ފަތްޕިލާވެލި ލިބިދިނުމަށް ފަސޭހަކުރުމަށްޓަކައި، އެފަދަ ގަސްތައް މާލެ ސިޓީގެ ޕާކުތަކާއި، ސަހަރާތަކާއި، މިސްކިތްތަކުގައި އިންދައި އާލާކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމެއްގައި މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި، “ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ޞިއްޙީ ދުޅަހެޔޮކަމަށް ބޭނުންކުރަމުން އައިސްފައިވާ، އަދި ދިވެހިންނަށް ވަރަށް މުހިންމު ތަރިކައެއް” ކަމަށެވެ. އަދި މިހާރު މި ތަރިކަ އުވިގެން ނެތިގެންދާކަމުގެ އިހުސާސް ކުރެވޭ ކަމަށާއި، އެހެންކަމުން މި ދާއިރާ ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ، އެ ކަންކަމަށް ކައުންސިލުން މަގުފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، ޒީނަތްތެރިކުރުމަށް އިންދާ ގަސްތަކުގެ ތެރޭގައި ވެސް ބޭސްވެރިކަމަށް ބޭނުންވާ ގިނަ ގަސްތައް އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް މޭޔަރު އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހި ބޭސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

