މާލޭގެ މެދު ސަރަހައްދުގައި ހުރި ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދުމަށްޓަކައި މެދު ޒިޔާރަތް މަގު ހުޅުވާލުމަށް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް މިއަދު ކައުންސިލަށް ހުށަހަޅުއްވައިފިއެވެ.
މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައި މި ހުށަހެޅުން ހުށަހަޅުއްވަމުން މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި، މާލޭގެ ޓްރެފިކް ބޮޑު ސަރަހައްދުތަކަށް ލުޔެއް ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމުން، ޗާންދަނީ މަގަށާއި ލިލީ މަގަށާއި އަމީރު އަހުމަދު މަގަށް ވެސް ލުއިތަކެއް ލިބިގެންދާނެއެވެ.
މާލެ ސިޓީ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި މި ސަރަހައްދަކީ މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަހައްދެވެ. އަދި މި މަގު ހުޅުވާލުމަކީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އާންމުން ދެކޭކަމަށް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
އިސްލާމީ މަރުކަޒު ކުރިމަތީގައި އޮތް މެދުޒިޔާރަތް މަގުގެ ސަރަހައްދު ދުއްވާ އެއްޗެއްސަށް ބަންދުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ ސަރަހައްދުގައި އޭރު ވަނީ ޓައިލްސް ޖަހައި، ހިނގާ މީހުންނަށް ޚާއްސަ ސަރަހައްދެއްގެ ގޮތުގައި ތަރައްޤީ ކޮށްފައެވެ.
މި މަގު ހުޅުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމަވައިފިނަމަ، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ޚާއްސަކޮށް ސްކޫލް ގަޑިތަކުގައި އެ ސަރަހައްދުގައި އުފެދޭ ޓްރެފިކް ޖާމްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

