ފުވައްމުލަކު ސިޓީން މަސް ގަތުމުގެ މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަހުގެ ތެރޭގައި ފުވައްމުލަކު ސިޓީގެ ބަނދަރުން މަސް ގަތުމުގެ މަސައްކަތް ފަށައި، އެ ސަރަޙައްދުން ދާއިމީކޮށް މަސް ގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ. އަދި މިހާރު ފުވައްމުލަކުގައި ޤާއިމުކުރަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރުގެ ތެރޭގައި ހިންގަން ފެށުމަށްފަހު، އެ ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައިވާ މަސް ގަނެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދޭނެއެވެ.
މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމުގެ މަސައްކަތްތައް ފުޅާކުރަމުންދާ މިފްކޯއިން ދެކުނުގެ އެހެން ސަރަޙައްދުތަކުގައިވެސް އޮޕަރޭޝަންތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން އަންނަ މަހު އައްޑޫ ސިޓީން ސީދާ މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، އައްޑޫ ސިޓީގައި މަހަށް ވެލިޔު އެޑްކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ރޭވިފައެވެ.
މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރުމަތީގެ މަގުތައް މަރާމާތުކޮށް، ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައްވެސް މިހާރު ވަނީ ފެށިފައެވެ.
މީގެއިތުރުން، ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވުމަށް ރޭވިފައިވާއިރު، އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައްވެސް މިއަހަރުގެ ތެރޭގައި ފެށުމަށް ވަނީ ރޭވިފައެވެ.

