ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ދަރަވަންދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އައިލެންޑު އޭވިއޭޝަނާ ހަވާލުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއަރޕޯޓު ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށާއި، މިހާރު އެއަރޕޯޓު ތަރައްޤީކޮށްފައިވާ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއާ މަޝްވަރާކޮށް، އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްގެން ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ އެކަން ޤާނޫނާ ގަވާއިދާ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދާނަން އެތަން ޑެވެލޮޕްކުރި ފަރާތާ މަޝްވަރާކޮށްގެން. އައިލެންޑް އޭވިއޭޝަން އޮތީ ތައްޔާރަށް އެކަންކުރުމަށް،” ރައީސް ވިދާޅުވިއެވެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަމީހު ވިދާޅުވެފައިވަނީ، އެރަށު އެއަރޕޯޓަކީ އެންމެ ބޮޑު އާމްދަނީ ލިބޭ އެއަރޕޯޓު ނަމަވެސް، އެތަނަކީ އެންމެ ނިކަމެތި އަދި ޚިދުމަތްތަކުގެ ފެންވަރު ދަށް އެއަރޕޯޓެއްކަމަށެވެ. އަދި އެއީ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެއަރޕޯޓެއްކަމަށާއި، އެއަރޕޯޓް ތަރައްޤީކުރުމާއި ނުކުރުން އެއީ ކޯސްޓްލައިން ކުންފުންޏަށް އޮތް އިޚްތިޔާރެއް ނޫންކަމަށް ވިދާޅުވިއެވެ.
2012 ވަނަ އަހަރު ހުޅުވުނު ދަރަވަންދޫ އެއަރޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ބާރު ބޮޑު އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފްލައިޓްތައް ޖައްސާ އެއަރޕޯޓެވެ. އެއަރޕޯޓާއެކު ބ. އަތޮޅަށް އަންނަ ފަތުރުވެރިންނާއި އެނޫންވެސް ގިނަ މީހުން އެންމެ ފުރަތަމަ ފައިބާ އެއް ރަށަކަށް ދަރަވަންދޫ ވެގެންދިޔައެވެ. މިވަގުތު އެރަށުގައި 400 ޓޫރިސްޓު އެނދު ހިންގަމުންދާއިރު، ފާއިތުވި 14 އަހަރުގެ ތެރޭގައި އެއަރޕޯޓަށް އެއްވެސް ތަރައްޤީއެއް އައިސްފައިނުވާކަން ރައްޔިތުން ފާހަގަކުރެއެވެ.

