އެމްޑަބްލިޔުއެސްސީން ބ ދަރަވަންދޫގައި ކުރިއަށް ގެންދިޔަ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ރަސްމީކޮށް އެ ހިދުމަތް ބޭނުން ކުރަން ފަށައިފިއެވެ. މި ނިޒާމް އިފްތިތާޙްކޮށްދެއްވީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫޢުގެ ދަށުން އެރަށުގައި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކާއި، ސީ އައުޓް ފޯލް އަޅައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާއިރު، ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 40.29 މިލިއަން ރުފިޔާއެވެ.
އެމްޑަބްލިޔުއެސްސީން ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ. މިއީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

