ގއ. ވިލިނގިލީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 5 ބިމެއް، ޓޫރިސްޓް ހޮޓާ، ގެސްޓްހައުސް އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ތަރައްގީކޮށް ހިންގުމަށް ދޫކުރުމަށް ވިލިނގިލީ ކައުންސިލުން ވަނީ ނިންމާފައެވެ.
ވިލިނގިލީ ކައުންސިލުން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިންތައް ދޫކުރާނީ ބީލަމުގެ އުސޫލުންނެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ރަޖިސްޓްރޭޝަން ފޯމް ހުށަހަޅަންޖެހޭނީ މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
ބިޑާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށާއި، ބިޑް ހުށަހެޅުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ހުޅުވާލެވޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. އަދި ބިޑާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ނުވަތަ އިދާރާގެ ރަސްމީ އީމެއިލް އެޑްރެހަށެވެ.
ކައުންސިލުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ ސުންގަޑިތަކުގެ ފަހުން އެއްވެސް ރަސްމީ މުއާމަލާތެއް ބަލައިނުގަނެވޭނެއެވެ. ނަމަވެސް އިދާރީ ގޮތުން ދިމާވާ ހާލަތެއްގެ ސަބަބުން އެއްވެސް ތާރީޚެއް ނުވަތަ ގަޑިއެއް ބަދަލުކުރަން ޖެހިއްޖެނަމަ، އެކަން ރަސްމީކޮށް ކައުންސިލް އިދާރާއިން އަންގާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ބިޑާ ގުޅޭ މައުލޫމާތު ދިނުމާއި ބިޑް ޑޮކިއުމަންޓް ހުށަހެޅުމުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

