ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްގެ ގޮތުގައި މިއަދު ބ. މާޅޮހަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު މި ދަތުރުފުޅުގައި ވަޑައިގެންނެވި 13 ވަނަ ރަށެވެ.
މާޅޮހަށް ރައީސް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ މާޅޮހުގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ އިތުރުން، އެރަށުގައި އަލަށް ބިނާކުރާ މިސްކިތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައެވެ.
މި މަހުގެ 11 އިން 14 އަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ވަނީ އެއަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. މީގެ ތެރޭގައި ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮސް ހިމެނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަތޮޅުތަކަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރަށްރަށުގެ ޙާލަތު ބެއްލެވުމާއި، ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

